ތަޢާރަފް
ތަޢާރަފް
މިރަށަކީ އަރިއަތޮޅުގެ ހުޅަނގު ބިތުގައި އުތުރުން 4.191833 ޑިގްރީގައި އަދި އިރުން 72.746139 ގައި އޮންނަ އަރިއަތޮޅު އުތުރުބުރިއަށް ނިސްބަތްވާ ރަށެކެވެ. މިރަށަށް ދެވިފައިވާ ކޯޑަކީ U5 އެވެ. މިރަށަކީ ތިލަ ބޮޑު ފަޅެއް ލިބިފައިވާ އަތޮޅުގެ ނިސްބަތުން ހުރިހާ ރަށެއްގެ މެދުގައި އޮތް ދެ މޫސުމަށް ލަފާފުރުމަށް ފަސޭހަ ރަށެކެވެ. މިރަށުގެ ބޮޑުމިނަކީ 21.39 ހެކްޓަރެވެ. ޒަމާނުއްސުރެ މަސްވެރިކަމުން ނަފާ ހޯދައިގެން ދިރިއުޅުން ވޭތުކުރަމުން އަންނަ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ނަމަވެސް ޒަމާނީ ކުރިއެރުމާއެކު ތަފާތު ގިނަ ބާވަތްތަކުގެ މަސައްކަތްތަކުން އާމްދަނީ ހޯދުން އިތުރުވަމުން ދެއެވެ. މިގޮތުން ޢިމާރާތް ކުރުމުގެ ދާއިރާއާއި ވަޑާމުގެ އެކި ބާވަތްތަކާއި ފަންވިނުމާއި ހޮޓާ ރެސްޓޯރަންޓް، އާންމު ރީޓެއިލް ވިޔަފާރި އަދި މިފަހުން ތަޢާރަފްވެފައިވާ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރިއަރަމުން ދެއެވެ.
ރަށުގެ ޙާއްސަކަން
ރަށުގެ ޚާއްޞަ ކަމެއްކަމަށް ރަށަށް ޒިޔާރަތްކުރާ މެހެމާނުން ފާހަގަކުރާ ކަމަކީ ރަށުގެ ގުދުރަތީ ރީތިކަމާއި ރަށާ އެއްފަޅެއްގައި އޮންނަ މަތިވެރި ފިނޮޅާއި މިދެރަށް ދޭތެރޭ އޮންނަ ހިތްގައިމު ފުންވިލާއި ރަށުގެ ތިލަ ފަޅުގެ ޗާލުކަމެވެ. އަދި ޒަމާނުއްސުރެ ސާފު ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް ރަށުގެ އަންހެން ކަނބަލުން ކުރައްވަމުންގެންދަވާ ރަށް ކުނިކެހުމެވެ. މިގޮތުން ރަށް ޕްރޮމޯޓު ކުރުމަށްވެސް ބޭނުންކުރަމުންދާ ޝިއާރަކީ " ޗާލު މަތިވެރި" އެވެ.