ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

ފާލަމާއި ބަނދަރު

ހިއްސާ ކޮށްލުމަށް

telegram

ފަހުން ބޭނުންކުރެވުނު ފާލަން

" މިރަށު އަލަށް އަޅާ ފާލަން 24 މެއި 1991 ގައި ދަގަޑުޖަހާ ބުޑަށް ކޮންކްރީޓް އަޅަން ފެށުނެވެ. ދަގަނޑު އޭންގަލްއަށް މުޑިއަށް ކޮންކްރީޓް އަޅާ ނިމިފައިވަނީ 7 ޖޫން 1991 ގައެވެ. ޖުމްލަ 28 މުޑި އެޅުނެވެ. ދިގުމިން 130 ފޫޓް ފާލަމެކެވެ. މުޑި އޮލަނބުކޮށް މަސައްކަތުގައި ހަރަކާތްތެރިވެލެއްވީ މޫސާ ޙަސަން، ޒަމާނީކުލަ އަދި ޤާސިމް މުޙައްމަދު، ހީނާމާގެ މި ދެބޭކަލުންނެވެ. މަސައްކަތްކުރީ ރައްޔިތު ފިރިހެނުންނެވެ. އަކިރި ހޯދީ ރަށުގެ ރައްޔިތު އަންހެނުންނެވެ.

ނިމުނީ 12 ޖެނުއަރީ 1992 ގައެވެ. ރަސްމީކޮށް ހުޅުވުނީ 15 ޖެނުއަރީ 1992 ގައެވެ. "

-ކަތީބް ދޮންމަނިކު ޙަސަން-

މަޢުލޫމާތު: ކައުންސިލް އާކައިވް - މުވައްޒަފުންގެ ރަޖިސްޓްރީ


ފުރަތަމަ ހެދުނު ބަނދަރު

" މިރަށުގައި ފުރަތަމަ ފަހަރަށް ފަޅުކޮނެ ބަނދަރެއް ހެދުމުގެ މަސައްކަތްފެށީ 9 އޮކްޓޯބަރ 1999 ގައެވެ. މި ބަނދަރުގެ ދިގުމިނަކީ 500 ފޫޓް ، އަދި ފުޅާމިނަކީ 250 ފޫޓެވެ. މި މަސައްކަތަކީ ސަރުކާރާއި އަދި  މިރަށުގެ ރައްޔިތުން ވަރަށްބޮޑު ހަރަދެއް ކޮށްގެން ހަދާފައިވާ ބަނދަރެކެވެ. އަދި ބަނދަރު ހެދުމުގެ މަސައްކަތް ނިމުނީ 5 ފެބްރުވަރީ 2000 ގައެވެ. " 

މަޢުލޫމާތު: ކައުންސިލް އާކައިވް - މުވައްޒަފުންގެ ރަޖިސްޓްރީ

 

14 އޯގަސްޓް 1999

" މަތިވެރީގެ ބަނދަރު 1999 ވަނަ އަހަރު ސަރުކާރުން ހައްދަވާ ދެއްވާގޮތަށް ހަމަޖެހުމާއި ގުޅިގެން ރަށުގެ ރައްޔިތުން ފެންވަރު ރަނގަޅު ބަނދަރަކަށް ހެދުމަށްޓަކައި އަޅާފައިވާ ކޮންކްރީޓް ޝީޓްތައް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯރކްސް އަލްފާޟިލް އުމަރު ޒާހިރު އާއި، މިނިސްޓަރ އޮފް ޑިފެންސްގެ ނާއިބު ޢަބްދުއްސައްތާރު އާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މައިޒާން އިބްރާހިމް މަނިކާއި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ބަންދު އިބްރާހިމް ސަލީމް އާއި، މިދެފަރާތުގެ މުވައްޒަފުން އެއަރޓެކްސީގައި 14:25 ގައި ވަޑައިގަތެވެ. އަޅާފައިވާ ޝީޓްތައް ބެއްލެވުމަށްފަހު ރައްޔިތުންގެ ފަރާތުން އެރުވި ސައިފޮދެއް ހިއްޕެވުމަށްފަހު 15:22 ގައި އެއަރޓެކްސީގައި ފުރާވަޑައިގަތީއެވެ. މިބޭފުޅުންނަށް މަރުޚަބާ ދެންނެވުމަށް އަތޮޅު އޮފީސް ހިންގެވުމާއި ހަވާލުވެ ހުންނެވި ރާއްޖެތެރޭގެ ވަކީލު އަލްފާޟިލް ޢަބްދުލްބާޤިރު އަޙްމަދު އާއި އުކުޅަހު ކަތީބު މުޙައްމަދު ޚާލިދުގެ އިތުރުން މަދަރުސާގެ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފާލަން ކައިރިއަށް ހާޒިރުވިއެވެ. "

-ކަތީބް އާދަމް ޙުސައިން-

މަޢުލޫމާތު: ކައުންސިލް އާކައިވް - ރަށުގައި ހިނގާ މުޙިއްމު ކަންތައްތައް

 

2 އޮކްޓޯބަރ 1999

" މިއަދަކީ މަތިވެރީގެ ބަނދަރު ހެދުމަށްޓަކައި ބޭނުންވާ ސާމާނު، ތަކެތި މަތިވެރިއަށް ގެނެސް ބާލާ ހެދި ދުވަހެވެ. " 

-ކަތީބް އާދަމް ޙުސައިން-

މަޢުލޫމާތު: ކައުންސިލް އާކައިވް - ރަށުގައި ހިނގާ މުޙިއްމު ކަންތައްތައް

 

3 އޮކްޓޯބަރ 1999

" މިދުވަހަކީ ދިވެހި ސަރުކާރުން ޚަރަދު ކުރައްވައިގެން މީހުންއުޅޭ ރާއްޖެތެރޭ ރަށްރަށުގައި ބަނދަރުހެދުމާއި ފަޅު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން މަތިވެރީ ފަޅު ފުންކުރުމަށް ފެއްޓެވި ދުވަހެވެ. މި ބަނދަރަކީ 500 ފޫޓް 250 ފޫޓްގެ ބަނދަރެކެވެ. ބަނދަރުގެ ނެރަކީ 600 ފޫޓް ދިގު 75 ފޫޓް ފުޅާ ނެރެކެވެ. 

މި ބަނދަރު ހެދުމަށް ރަށުގެ ރައްޔިތުންގެ ޚަރަދުގައި 285 ކޮންކްރީޓް ޝީޓް (12 ފޫޓް 4 ފޫޓް ބޮޑުމިނުގެ، 6 އިންޗް ބޯމިނުގެ) އަޅާފައިވެއެވެ. މި ބަނދަރު ހެދުމަށް ރަށުގެ ރައްޔިތުން ވަރަށްބޮޑު ޚަރަދުކުރި އަދި ޚަރަދުކުރަމުންގެންދެއެވެ. "

-ކަތީބް އާދަމް ޙުސައިން-

މަޢުލޫމާތު: ކައުންސިލް އާކައިވް - ރަށުގައި ހިނގާ މުޙިއްމު ކަންތައްތައް

 

4 އޮކްޓޯބަރ 1999

"4 އޮކްޓޯބަރ 1999 ދުވަހަކީ ބަނދަރު ހެދުމަށްޓަކައި މަސައްކަތް ފެށި ދުވަހެވެ. މިއަދު މަސައްކަތް ކުރަމުން ގެންދިޔައީ 1 ހައިމާކުންނެވެ. ގެނާ ތަކެތީގެ ތެރޭގައި 2 ހައިމާކު، 1 ލޯޑަރު އަދި 4 ލޮރީ ހިމެނެއެވެ.

އާދެ! މި މަސައްކަތަކީ އިއްޒަތްތެރި ރައީސުލްޖުމްޙޫރިއްޔާ 1998 ވަނަ އަހަރު މާރޗް 23 ވަނަ ދުވަހު މަތިވެރިއަށް ކުރެއްވި ޒިޔާރަތުގައި މަތިވެރީގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވާކަމެއް ހައްލުކޮށްދިނުމުގެ ގޮތުން ވިދާޅުވި. ކުރިމަގުގައި މާލަހެއްނުވެ މަތިވެރީގެ ފަޅުވެސް ފުންކޮށްދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމާއި ގުޅިގެން ސަރުކާރުން ހިންގާ މަޝްރޫޢުއެކެވެ. މަސަްކަތް ހިންގަނީ އެމް.ޓީ.ސީ.ސީ ގެ ފަރާތުންނެވެ. "

-ކަތީބް އާދަމް ޙުސައިން-

މަޢުލޫމާތު: ކައުންސިލް އާކައިވް - ރަށުގައި ހިނގާ މުޙިއްމު ކަންތައްތައް


ފުރަތަމަ ހެދުނު ބަނދަރު ހަލާކުވުން 

" 17 ސެޕްޓެމްބަރ 2004 ވީ ހުކުރުދުވަހުގެ ފަތިހު 5:00 ން 8:45 ށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުން ބަނދަރު އައްދަށު ތޮށި ފާލަމުގެ އިރުން 220 ފޫޓް މޫދަށް ވެއްޓުނެވެ. ވެއްޓުނު ހިސާބުން އެއްގަމަށް 30 ފޫޓް ގިރާފައިވެއެވެ. އަދި ތޮށީގެ ކައިރިން ފާލަމުގެ ހުޅަނގުން 156 ފޫޓް ބިންގަނޑު ކަނޑާއިގެންގޮސް ތޮށި އަރި އަޅާފައިވެއެވެ. އަދި ފަޅުގެ އިރުމަތީ ތޮށި ދެކުނުން 16 ފޫޓް ތޮށީގެ ދަށުން ފަސްގަނޑު ދަމައިގެން ގޮސްފައިވެއެވެ. ތޮށީގެ އިރުމަތީފަރާތުން 154 ފޫޓް ތޮށީ ކައިރިން ބިންގަނޑު ކަނޑައިގެންގޮސް ތޮށި އަރިއަޅާފައިވެއެވެ......."

19 ސެޕްޓެމްބަރ 2004

-ކަތީބް ޢަބްދުލްހަންނާން ޢަލީ-

މަޢުލޫމާތު: ކައުންސިލް އާކައިވް - ރަށުގައި ހިނގާ މުޙިއްމު ކަންތައްތައް

 

 " 26 ޑިސެމްބަރ 2004 ދުވަހުގެ ސުނާމީ ކާރިސާގައި ބަނދަރާއި ނެރުތޮށި އެއްކޮށް ހަލާކުވިއެވެ. "

މަޢުލޫމާތު: ކައުންސިލް އާކައިވް - މުވައްޒަފުންގެ ރަޖިސްޓްރީ


ބަނދަރު ދެވަނަފަހަރަށް ހެދުން

" މިރަށުގެ ބަނދަރު ދެވަނަ ފަހަރަށް ހަދަންފެށީ 28 ޖޫން 2011 ގައެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ އާއެވެ. "

މަޢުލޫމާތު: ކައުންސިލް އާކައިވް - މުވައްޒަފުންގެ ރަޖިސްޓްރީ